މަޝްހޫރު ނެވިގޭޝަން އެޕްލިކޭޝަން "ވޭޒް" އުފެދިގެން އައީ އިޒްރޭލުގެ ތެރެއިން ކަމަށްވެފައި، އޭގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި، މެލޭޝިއާގެ ސިވިލް ސާވަންޓުންނަށް އެ އެޕް ބޭނުންކުރުން އެ ގައުމުގެ ސަރުކާރުން ވަގުތުން މަނާކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޒް އެޕަކީ ޔަހޫދީ ސަރުކާރުގެ ގާނޫނުތަކަށް ތަބާވާންޖެހޭ އެޕަކަށްވާތީ، އެ އެޕް ބޭނުންކުރުމުން ކުރިމަތިވެދާނެ ސައިބާ ސަލާމަތީ ނުރައްކާތައް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށެވެ. އަންވަރު ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.

ވޭޒްގެ ބަދަލުގައި މެލޭޝިއާގެ ހައިވޭ އޮތޯރިޓީން ތަރައްގީކޮށްފައިވާ އަމިއްލަ ނެވިގޭޝަން އެޕްލިކޭޝަން "ތުޖޫ" ބޭނުންކުރުމަށް އަންވަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން 2013 ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް ގަތް "ވޭޒް" އެޕަކީ، ސެޓެލައިޓް ސިގްނަލްތަކާއި ދަތުރުފަތުރުކުރާ ފަރާތްތަކުގެ މައުލޫމާތު ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޓްރެފިކް އަދި މަގުތަކުގެ ހާލަތު ފޯރުކޮށްދޭ އެޕެކެވެ.