ބާރުގަދަ ތޫފާން "އަރްނަބް" އިންޑިއާގެ އިރުމަތީ އައްސޭރިފަށާ ދިމާލަށް ދަތުރުކުރަމުންދާތީވެ، ނުރައްކާ އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
ހޯމަ ދުވަހުން ފެށިގެން މި ތޫފާނުގެ އިތުރަށް ބާރުގަދަވަމުން އަންނައިރު، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އައްސޭރިފަށުގެ ސަރަހައްދުތަކަށް ތޫފާން އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އަންދްރަ ޕްރަދޭޝް އަދި އޮޑިޝާ ސްޓޭޓުގެ ރައްޔިތުން ސަމާލުވުމަށް އެދި އެ ސަރަހައްދަށް އެލާޓް ނެރެފައެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ އަންދްރަ ޕްރަދޭޝްއިން މިހާތަނަށް 50,000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާއިރު، 400,000 އެއްހާ މީހުން ގެދޮރު ދޫކޮށް ދާންޖެހިދާނެ ކަމަށް ބެލެވެއެވެ. އަދި އޮޑިޝާ ސްޓޭޓުން 48,000 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
ތޫފާނާ ގުޅިގެން ރޭލު ދަތުރުފަތުރަށް ވެސް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ. އެގޮތުން މަދުވެގެން 12 ރޭލު ދަތުރެއް ކެންސަލްކޮށްފައިވާއިރު، 53 ރޫޓެއްގެ ހިދުމަތް މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
މީގެއިތުރުން، ތޫފާނުގެ ސަބަބުން ހިމާލިޔާ ފަރުބަދަތަކުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަދަ ސްނޯ ތޫފާން އަދި ސުނޯ ފައިބައިގެން އައުމުގެ ނުރައްކާ އޮތުމުން، ފަތުރުވެރިން އުސް ފަރުބަދަމަތީގެ ސަރަހައްދުތަކަށް ނުދިއުމަށް ނޭޕާލް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.